ދެ ދުނިޔޭގެ ސަލާމަތްތެރިކަން އަޅުގަނޑުމެންނަށް ހޯދެން އޮތް ހަމައެކަނި ގޮތަކީ، މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އުޞޫލުތަކާއިގެން ކުރިއަށް ގޮސްގެންކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ދެ ދުނިޔޭގެ ސަލާމަތްތެރިކަން އަޅުގަނޑުމެންނަށް ހޯދެން އޮތް ހަމައެކަނި ގޮތަކީ، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރިކަމާއި އެ ދީނުގެ ރިވެތި އުޞޫލުތަކާއިގެން ކުރިއަށް ގޮސްގެންކަމަށާއި، އެއީ އަޅުގަނޑުމެންގެ ހިތުގެ އަޑިން މާ ބޮޑަށް ޤަބޫލުކުރާކަމެއްކަމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ނިލަންދެއަތޮޅު ދެކުނުބުރީ މީދޫގައި ރޭ ބޭއްވި އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، އަޅުގަނޑުމެން އަބަދުވެސް ދެމި ތިބޭނީ އެ ޤަބޫލުކުރުން މަތީކަމަށާއި، މިރާއްޖެއަކު އެ ނޫން ގޮތަކަށް އެއްވެސް ސިޔާސަތެއް ކަނޑައެޅިގެން ތަންފީޒުވެގެން ނުދާނެކަމަށެވެ.

އަޅުގަނޑުމެންގެ ސަރުކާރު 2012 ވަނަ އަހަރު ބަޣާވާތަކުން ވައްޓާލި ފަރާތްތަކުން ވަރަށް ގިނަ ވާހަކަތައް ދެއްކިކަމަށާއި އޭގެ ތެރެއިން އެއް ވާހަކައަކީ، އަޅުގަނޑުމެންނަކީ ލާދީނީ ބައެކޭ ކިޔައިގެން ދެއްކި ވާހަކަކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެއީ ވަރަށް ހިތާމަފުޅުކުރައްވާ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އަޅުގަނޑުމެންނަކީވެސް، ހަމަ ހެޔޮ ގޮތުގައި މައިންބަފައިން ބަލާ ބޮޑެތި ކޮށްފައި ތިބި ޞޯލިޙު ދީންވެރި މީހުންކަމަށެވެ. އެހެން ކަމުން އަޅުގަނޑުމެންނާ މުހާތަބްކޮށް އެފަދަ ވާހަކަތައް ދައްކާތީ ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ. އަޅުގަނޑުމެންގެ ވާހަކަދެއްކުމާއި ވިސްނުން ފަހަރުގައި، ޝެއިޚުންގެ ގޮތުގައި އުޅުއްވާ ބައެއް ބޭފުޅުންނާ ތަފާތުވެދާނެކަމަށާއި ނަމަވެސް އެއީ އެއްވެސް ހާލަތެއްގައި އިސްލާމްދީނުގެ ރިވެތިކަމާއި އެދީނުގެ މަތިވެރި އުޞޫލުތަކާއި މެދު އަޅުގަނޑުމެންގެ ހިތްތަކުގައި ޝައްކު އުފެއްދުން ނޫންކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވެރިކަމަކީ، މިއާލަމްގައި މާތް ރަސްކަލާނގެ ޙަޟްރަތުން ކުރާ ވެރިކަމެއްކަމަށާއި އެ ވެރިކަން ޚަރާމްކަންމަތީގައި ނުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. ބަޣާވާތްކުރުމަކީ، އިސްލާމްދީނުގައި އެންމެ ބޮޑަށް ޚަރާމްކުރައްވާފައިވާ އެއް ކަންތައް ކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި މިވަނީ ބަޣާވާތެއްކޮށްފައި ކަމަށާއި މިހާރު ރާއްޖޭގައި ހިނގަމުން މިދަނީ ޚަރާމް ވެރިކަމެއްކަމަށެވެ. އަދި މުސްލިމު ވެރިއެއް ޤާނޫނީ ހަމަތަކުގެ މަތިން މެނުވީ ވައްޓާނުލެވޭނެކަމަށާއި އެއީ އެއްވެސް ހާލެއްގައި އަޅުގަނޑުމެންނަށް އޮތް ފުރުޞަތެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަޅުގަނޑުމެންނަކީ، ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވެ، މުސްލިމުންގެ ގޮތުގައި ތިބެމެ، މި ޚަރާމްކަންތައް ދަމަހައްޓައިގެން ނުވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ތަރައްޤީއަށްޓަކައިވެސް އަދި އާޚިރަތަށްޓަކައިވެސް، ވީ އެންމެ އަވަހަކަށް މިރާއްޖޭގައި ޤާނޫނީ ވެރިކަމެއް ޤާއިމްކުރެވެން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޙަންމަދު ނަޝީދު ރޭ ދެއްކެވި ވާހަކަފުޅުގައި ދ.މީދޫގެ ތަރައްޤީއަށް އެމްޑީޕީއިން ގެންގުޅުއްވާ ތަރައްޤީގެ ތަޞައްވުރުގެ މައްޗަށްވެސް އަލިއަޅުވާލައްވާ ވާހަކަފުޅުދެއްކެވިއެވެ. އެމަނިކުފާނު ވިދާޅުވީ، 2008 ވަނަ އަހަރު އެމްޑީޕީއިން ސަރުކާރާ ހަވާލުވިއިރު މީދޫގެ ތަރައްޤީއާ ގުޅޭ ގޮތުން ތަޞައްވުރެއް ގެންގުޅުއްވި ކަމަށެވެ. އެގޮތުން، މީދުއަކީ ރާއްޖޭގައި ކަންނެލީގެ މަސްވެރިކަން އެންމެ ބާރަށް ކުރަމުން އަންނަ އެއް ރަށްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އަޅުގަނޑުމެން މީދޫގެ ރައްޔިތުންނަށް ވާ ވަޢުދަކީ 2014 ވަނަ އަހަރު ނިމުމުގެ ކުރިން މީދޫގައި މަސް ބަނދަރެއް ތަރައްޤީކޮށްދެއްވާނެކަމަށެވެ. އަދި އެ ބަނދަރަކީ އަޅުގަނޑުމެންގެ ތަރައްޤީގެ ތަޞައްވަރުގައި ބައެއް ރަށްރަށުގައި ތަރައްޤީކުރުމަށް ނިންމާފައިވާ ބާވަތުގެ ބަނދަރެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މީދޫގެ ބަނދަރު އިތުރަށް ބޮޑު ކުރަންޖެހޭކަމަށާއި އަދި މިރަށުގެ ފަޅު ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކައި މީދޫގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފްލްޓް އިމާރާތްކޮށް ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިހުރިހާ ކަމަކީވެސް، 2012 ވަނަ އަހަރު ކުރުމަށް ބަޖެޓުގައި ފައިސާ ހިމަނާ ހުރިހާ ތައްޔާރީތަކެއް ވެނިމިފައިވާ ކަންކަން ކަމަށާއި، އެކަން ނުވެ މިވަނީ، އެމްޑީޕީގެ ސަރުކާރު ބަޣާވާތަކުން ބަދަލުކުރެވިފައިވާތީކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ހިތްތަކަށް މިލުން އަންނަނީ މި ދޮޅު އަހަރު އަޅުގަނޑުމެންނަށް ގެއްލުނީތީވެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއިން ކާމިޔާބުކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވަމުން، ރައީސް މުޙަންމަދު ނަޝީދު ރޭވެސް ވަނީ، ރިޔާސީ އިންތިޚާބު އެމްޑީޕީއިން ކާމިޔާބުކުރާނީ މާތް ﷲ ގެ އިރާދަފުޅާއެކު އެއް ބުރުންކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ދ.މީދޫގައި ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު

1 comment
  1. މުޙައްމަދު ޝިހާން / May 1, 2013

    އަނެއްކާ މިވާހަކަފުޅު ނުވާނެބާ އިސްލާމް ދީނާއި ދެކޮޅުވާހަކަޔަކަށް! ވަރެއްގެ ސޭކުން އުޅޭ ޤައުމެއް މި ދިވެހިރާއްޖެ އަކީ!

    Reply
What do you think?

Name (required) :

Email (required) :

Website :