ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ހުވަދު އަތޮޅުގެ ބައެއް ރައްތަކަށް މިއަދު ވަޑައިގަންނަވައިފިއެވެ. އެމްޑީޕީގެ “މިނިވަން މަސައްކަތްތެރިޔާގެ ސިޔާސަތު” ހޮނިހިރު ދުވަހު ހަވީރު އިފްތިތާހުކުރެއްވުމަށްފަހު ތިނަދޫގައި ކުޑަކުދިންގެ ޕާކެއް ރައީސް ނަޝީދު ހުޅުވައިދެއްވިއެވެ. އެއަށްފަހު ތިނަދޫގެ ރައްޔިތުންނާއި ބައްދަލުކޮއްލެއްވުމަށް ތިނަދޫގައި ދޮރުން ދޮރަށް ހިންގަވައި ރައްޔިތުންގެ ހާލު ބައްލަވައިލެއްވިއެވެ. މީގެ އިތުރުން ތިނަދޫގެ އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޓީމާ ބައްދަލުކުރައްވައި ކެމްޕެއިން ވަރކްޝޮޕް ރައީސް ނަޝީދު ހިންގައިދެއްވިއެވެ.
ތިނަދޫއަށް ފަހު ރައީސް ނަޝީދު މިއަދު ހެނދުނު ވަޑައިގެންނެވީ ހުވަދު އަތޮޅު އުތުރުބުރީ ދެއްވަދޫއަށެވެ. ދެއްވަދޫއަށް ވަޑާއިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ ރައީސްއަށް ވަރަށް ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ. ދެއްވަދޫގައި ރައީސް ނަޝީދު އެމްޑީޕީގެ ދިދަ ނަންގަވައިދެއްވައި ރަށުތެރޭގެ ހާލަތު ބައްލަވައިލައްވައި ދެއްވަދޫ ރައްޔިރުންނާއި ބައްދަލުކުރައްވައި ރައްޔިތުންގެ ހާލު ބައްލަވައިލެއްވިއެވެ. އަދި އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން ވަރކްޝޮޕް ހިންގަވައިދެއްވިއެވެ. އެމްޑީޕީއަށް މެމްބަރުން އިތުރުކުރުމުގެ ޕްރޮގްރާމްވެސް ހިންގަވައިދެއްވައި އެމަނިކްފާނުގެ ހާޒިރުގައި މެމްބަރުން އެމްޑިޕީއަށް ސޮއިކުރެއްވިއެވެ. މީގެ އިތުރުން ދެއްވަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އިމާރާތް ކުރާ ބޭސް ފިހާރައިގެ ބިންގާ އަޅުއްވައިދެއްވިއެވެ. އަދި އެމްޑީޕީގެ ހަރުގެ ކުރިމަތީގައި ރައީސް ނަޝިދު ވަނީ އަނބުގަހެއްވެސް އިންދަވައިދެއްވާފައެވެ.
މިރޭ ވާދޫގައި އޮންނަ އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން ޖަލްސާގައި ރައީސް މުޙަންމަދު ނަޝީދު ވާހަކަފުޅުދައްކަވާނެއެވެ.