ރައީސް މުހައްމަދު ނަޝީދު ހުވަދު އަތޮޅުގެ އިތުރު ރަށްތަކަކަށް ވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ހުވަދު އަތޮޅުގެް އިތުރު ރަށްތަކަށް މިއަދުވެސް ވަޑައިގަންނަވައިފިއެވެ. މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ގދ. ފަރެސްމާތޮޑާއަށެވެ. ރައީސް ނަޝީދު ގދ. ފަރެސް މާތޮޑާއަށް ވަޑައިގެންނެވުމުން އެރަށުގައި ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ފަރެސް މާތޮޑާގައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ކެމްޕޭން ޖަގަހައެއް ހުޅުއްވައިދެއްވާފައެވެ. އަދި އެމްޑީޕީ އަށް މެމްބަރުން އިތުރު ކުރުމުގެ ޕްރޮގްރާމް މިރަށުގައިވެސް ހިންގަވައިދެއްވިއެވެ. ފަރެސްމާތޮޑާގައި މަސްވެރިނަން އަމާޒުކުރައްވައި ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން މަހުގެ އަގު މިހާރު ދަށްވަމުން ދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި މަހުގެ ހަމަ އަގުގައި މަސް ނުވިއްކާންވީ އެއްވެސް ސަބަބެއް ނެތް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީ ސަރުކާރުގައި މަހުގެ އަގު މައްޗަށް ދިޔައީ މަސް ގަތުމުގެ ވިޔާފާރި ބޭރުގެ ފަރާތްތަކަށް ހުޅުވާލުމުން ކަމުގައި ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ “ވާދަވެރިކަން އުފެދުނީމާ މަހުގެ އަގު އުފުލިގެން ދާނެ” ކަމުގައެވެ.

ފަރެސް މާތޮޑާގައި ވާހަކަ ދައްކަވަމުން މަސްވެރިންނަށް އެމްޑީޕީ ސަރުކާރުގައި ޕެންޝަން ލިބޭނެ ގޮތަކަށް ސިޔާސަތު ބައްޓަން ކުރައްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ފަރެސް މާތޮޑާއިން ރައީސް ނަޝީޑު ދެން ވަޑައިގެންނެވީ ގދ. ފިޔޯރީއަށެވެ. ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް އެރަށުގެ ގިނަ ރައްޔިތުން ވަޑައިގެންނެއެވެ. ފިޔޯރީގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތަތަކީ ހުރިހާ ރައްޔިތުންނަށް އަމާޒުކޮށްގެން ރައްޔިތުންގެ ތަރައްޤީއަށް މަގުފަހިވާނެ ސިޔާސަތުތަކެއްކަމުގައެވެ. ފިޔޯރީގައިވެސް ރައީސް ނަޝީދު ރައްޔިތުންނާ ބައްދަލުކުރައްވައި އެރަށުގެ ހާލަތު ބައްލަވައިލެއްވިއެވެ. އަދި ފޮޔޯރީގެ ‘ހައު’ ދަނޑަށް ޒިޔާރަތް ކުރައްވައި ދަނޑުވެރިންގެ ހާލަތު އޮޅުންފިލުއްވިއެވެ. ރައީސް ނަޝީދު ފިޔޯރީގައި އެމްޑީޕީ ޖަގަހައިގައި ދިދައެއްވެސް ނަންގަވައިދެއްވިއެވެ.

ހުވަދޫއަށް ރައީސް ނަޝީދު ކުރެއްވި މިދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ވަޑައިގެންނެވީ އެއަތޮޅު ރަތަފަންދޫއަށެވެ. ރަތަފަންދޫއަށް ވަޑައިގަތުމުން އެރަށުންވެސް ރައީސް ނަޝީދަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. ރަތަފަންދޫގައި ރައީސް ނަޝީދު އެރަށުގެ ސްކޫލަށް ޒިޔާރަތް ކުރެއްވިއެވެ. އަދި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރަށުގެ ހާލަތު ބައްލަވާލެއްވިއެވެ.

ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު ރައީސް ނަޝީދު ވަނީ މާލެ ވަޑައިގަންނަވާފައެވެ.

1 comment
  1. މުޙައްމަދު ޝިހާން / May 7, 2013

    މިއޮތް ވިއްސާރައާއި، ގަދަ ކަނޑުގައި، ރައްޔިތުންނާއި ބައްދަލު ކުރެއްވުން އެއީ ހަމަގައިމުވެސް ރައްޔިތުން ކައިރިއަށް ދާންޖެހޭ ކަން އެމަނިކުފާނަށް އިޙުސާޞް ކުރެވޭލެއް ބޮޑުކަން ކަމުގައި ނޫނީ ނުވާނެ. މިހާ ރައްޔިތުން މުހިއްމު ވެގެން ދޮރުން ދޮރަށް ހިނގާ ވެރިޔަކު ހަމަޤައިމުވެސް މިޤައުމަކުން އަހަރެން ނުދެކެން! ވީމާ ރައްޔިތުންގެ އިޙްސާސް ހަމަގައިމުވެސް އެންމެ ރަނގަޅަށް އެނގޭނެ ވެރިޔަކީ ރައީސް ނަޝީދު ކަމުގައި އަހަރެން ޝައްކެއް ނުކުރަން. ރައީސް ނަޝީދުގެ މަސައްކަތްޕުޅުގައި ކާމިޔާބު ލައްވައި، އިތުރު ހީވާގިކަމެއް ދެއްވުމަށް އެދި އެކަނލާގެ ޙަޒުރަތުގައި ދުޢާ ދަންނަވަން. މާތް ﷲ ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާށި ”އާމީން”

    Reply
What do you think?

Name (required) :

Email (required) :

Website :