އިންތިޚާބު ކާމިޔާބު ކުރައްވާނީ 125،000 ވޯޓުން ކަމަށާއި އެބޮޑު ކާމިޔާބީގެ ޒިންމާ ވަރަށް ބޮޑު ކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ

ދިވެހިރާއްޖޭގައި 7 ސެޕްޓެމްބަރ 2013 ވަނަ ދުވަހު ބޭއްވޭ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ 125،000 ވޯޓުން ކަމަށާއި އެބޮޑު ކާމިޔާބީގެ ޒިންމާ ވަރަށް ބޮޑު ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑެޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މިލަދުންމަޑުލު އުތުރުބުރި މިލަންދޫގައި ބުދަ ދުވަހުގެރޭ ބޭއްވި “އެއްބުރުން ބޮޑުތިލަދުންމަތި” އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

“ސެޕްޓެމްބަރު 7 ވަނަ ދުވަހު ރޭގަނޑު ރޭޑިއޯ އައްސަވާ. ތިބޭފުޅުންނަށް އަޑުއިވޭނެ އިރާދަކުރެއްވިއްޔާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަށް 125،000 ވޯޓު ލިބޭނެ ވާހަކަ. އަޅުގަނޑުމެން އެއްބުރުން މިއިންތިޚާބު ކާމިޔާބު ކުރާނަން” ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އިންތިޚާބުގައި މިލިބޭ ބޮޑު ކާމިޔާބީއަކީ ވަރަށް ބޮޑު ޒިންމާއެއްކަމާއި އެމަނިކުފާނުގެ ވާޖިބަކަށްވާނީ ހުރިހާ ފިކުރެއްގެ މީހުންނާއެކު ދިވެހިރާއްޖޭގެ ތަރައްޤީއަށް މަސައްކަތް ކުރުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

މިލަންދޫ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް ދިވެހިރާއްޖޭގައި ހެޔޮބަދަލަށް މަސައްކަތް ކުރަމުން އަންނަ ޕާޓީކަމުގައެވެ. އަދި ދިވެހިރައްޔިތުން އެމްޑީޕީގެ ފިކުރު ބަލައިގެންފިކަމަށާއި ދިވެހިރާއްޖެއިން މިފިކުރު ގެއްލިގެންނުދާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “އަޅުގަނޑުމެންނަކީ މިރާއްޖެ ބަދަލުކުރަމަށް ނިކުތް ބައެއް. އަޅުގަނޑުމެން މިދަނީ ބާރަށް އެމަސައްކަތް ކުރަމުން. ކިތަންމެ ގޮތަކަށް ދިމާކުރެވިދާނެ. އަނިޔާވެސް ކުރެވިދާނެ. ތަޅާވެސް ހެދިދާނެ. އެހެންނަމަވެސް މިފުކުރެއް މިރާއްޖެއިން ދެނެއް ފޮހެވިގެން ނުދާނެ. މިރާއްޖެއަކުން މިފިކުރެއް ގެއްލިނުދާނެ” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވާހަކަފުޅުގައި ދިވެހިނަށް ވަރަށް ގިނަ މަންޒަރުތަކާ ހީލަތްތެރިކަމާއި، އަނިޔާވެރިކަމާއި، ޚުދުމުހުތާރުކަން ފެނި އެތައް ބައެއްގެ ޙައްޤުތައް ވަނީ ގެއްލިފައިކަމުގައި ވިދާޅުވިއެވެ. ދިވެހީން އެމީހުންގެ ޢާންމު ޙާލަތު ރަގަޅު ނުކުރެވި ހާސްކަންމަތީގައި ދިރިއުޅެމުން ދިޔަތަން ދެކިއްޖެކަމަށާއި ދިވެހީން މިހާރު އުންމީދުކުރަނީ ބޯހިޔާވަހިކަމާށާއި ބޭސްފަރުވާ ކުރެވޭނެ އުސޫލުތަކަށާއި، ވަޒީފާގެ ފުރުޞަތުތައް އިތުރުވެ ޖީބަށް ވަންނަ ފައިސާ އިތުރުވުމަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ދިވެހިރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ ތަކުލީފަކީ ދަރިންނަށް ބޭސް ފަރުވާ ލިބޭނެ ގޮތެއް ނެތި އެއްތަނުން އަނެއްތަނަށް ދެވޭނެ ގޮތާއި ބޯހިޔާވަހިކަން ނެތި ޢާއިލާ ގޮވައިގެން ދިރިއުޅެވޭނެ ގޮތެއް ނެތުން ކަމުގައެވެ. އަދި މި މައްސަލަތައް ޙައްލު ކުރުމަށް “ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ދިވެހިރައްޔިތުންނަށް މިހުށައަޅަނީ ސިޔާސަތުތަކެއް. ދިވެހީންގެ ހާލަތު ރަނގަޅުވެގެންދާނެ ސިޔާސަތުތަކެއް” ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ފަރާތުން ދިވެހިރައްޔިތުންނަށް ހުށައަޅާ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރެވޭނެ ކަމަށާއި ފައިސާވެރިވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީއާ އެހެން އެއްވެސް ސިޔާސީ ޕާޓީއަކުން ގާތްނުވެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “އަޅުގަނޑުމެން ތަޅާލާނީ 6-4އަކަށް. އެއްލާ ކޮންމެ ބޯޅައެއް ފެނު ޖެހެނީ ޕިޗު މެދުގައި. އެއަކު ސްޕިނެއް ނެތް. ސްވިންގެއް ނެތް…އަޅުގަނޑުމެންގެ ވިކެޓެއް ވައްޓައެއް ނުލެވޭނެ” އިދިކޮޅު ސިޔާސީ ފަރާތްތަކަށް ފާޑު ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :