ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރާއްޖޭގެ ރައްޔިތުންނަށް ހުށަހަޅަނީ ތަރައްޤީގެ ޗާޓް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބޮޑު ތިލަދުންމައްޗަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ދިއްދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަ ފުޅުގައެވެ. ރައީސް ނަޝީދު ވިދާޅުވީ “އެމްޑީޕީ ރާއްޖޭގެ ރައްޔިތުންނަށް ހުށަހަޅާނީ ސިޔާސަތުތަކެއް. މި ސިޔާސަތުތައް ހުށަހެޅުމަށްޓަކައި އަޅުގަނޑުމެން ޖެހެނީ ފަހަތަށް. އަހަނީ ރައްޔިތުންގެ އަޑު. ބައްދަލުވޭތޯ ބަލަނީ އެ ރައްޔިތުންގެ އިޙްސާސްތަކާ. އޮޅުންފިލުވޭތޯ މި ބަލަނީ ރައްޔިތުން ދިރިއުޅެމުން އަންނަ ހާލު. އަޅުގަނޑުމެންގެ ވަޢުދުތަކަކީ މި ރާއްޖެ އަރައިގަތުމަށް، މިރާއްޖެ މީ މިރާއްޖޭގެ ރައްޔިތުންނަށް އުފާ ފާގަތިކަމާއެކީގައި ދިރިއުޅެވޭނޭ ރާއްޖެއަކަށް ހެދުމަށް ތަންފީޒު ކުރަންޖެހޭނެ ސިޔާސަތުތަކެއް” ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ލައްކަ ކަން ދެކިއްޖެކަމަށާއި ހީލަތްތެރިކަމާއި އަނިޔާވެރިކަމާއި މަކަރުވެރިކަން ދެކިއްޖެ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް އެ ރައްޔިތުންގެ އުއްމީދުތައް ހަޤީޤަތަކަށް ހެދުމަށް ކުރެވެމުން އައި އެތައް މަސައްކަތްތަކަށް އެތައް ޒަމާނެއް ވަންދެން ހުރަސް އެޅިއްޖެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އަޅުގަނޑުމެންގެ ރައްޔިތުންނަށް ހައްޤީ މިއަދު އަޅުގަނޑުމެންގެ ރައްޔިތުންނަށް ލިބެމުން މިއަންނަ މިންވަރެއްވެސް ނޫން ކަމަށެވެ. “އަޅުގަނޑުމެން މި އެދެނީ އަޅުގަނޑުމެންގެ އާމްދަނީ އިތުރުވުން. އަޅުގަނޑުމެން އެދެނީ ބޯހިޔާވަހި ކަމަކަށް. އަޅުގަނޑުމެން އެދެނީ ވަޒީފާގެ ފުރުޞަތަކަށް. އަޅުގަނޑުމެން އެދެނީ ބަލިވީމާ ބޭސްފަރުވާއަށް. އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެންގެ ހަލާލު މަސައްކަތުން ރިވެތި ދިރިއުޅުމެއް ހޯދޭނެ މަގަކަށް. އަޅުގަނޑުމެން އެދެނީ ހާސްކަމުން އަރައިގަނެވޭނެ ރާއްޖެއަކަށް. އަޅުގަނޑުމެން މި އެދެނީ ތަރައްޤީ” ކަމަށް ވިދާޅުވިއެވެ.
ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ “ރާއްޖޭގެ ގިނަ ރައްޔިތުންނަކީ މަސްވެރިން. މަސައްކަތް ކުރާ ގިނަ މީހުންނަކީ މަސްވެރިން. ދިއްދޫގައި މަސައްކަތް ކުރާ ގިނަ މީހުންނަކީ މަސްވެރިން. ދިއްދޫގެ އާއްމު ހާލަތު ރަނގަޅު ކުރުމަށްޓަކައި ކުރާންއޮތް މަސައްކަތަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި މަސްވެރިންގެ އާމްދަނީ އިތުރުކުރުން” ކަމަށެވެ. އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރު 2008 ވަނަ އަހަރުއްސުރެ ފަށައިގެން ގެނައި އެއް ބަދަލަކީ އަދި އަޅުގަނޑުމެން ވީ އެއް ވަޢުދަކީ އަޅުގަނޑުމެންގެ ސަރުކާރެއްގައި ރާއްޖޭގެ މަސްވެރިންނަށް އިރާދަ ކުރެއްވިއްޔާ ހަމައަގު ހޯދާދިނުން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މީގެ ކުރީގައި މަސްވެރިކަން އޮތީ ހިފެހެއްޓިފައިކަމަށާއި ހަތަރު ފަރާތަކަށް ނޫނިއްޔާ މަސް ބޭރު ކުރުން އޮތީ މަނާވެފައިކަމަށެވެ. އެހެންވީމާ އަބަދުވެސް މަސްވެރިނަށް ހަމައަގު ނުދީ މަސްގަންނަ ފަރާތްތަކަށް އަގު ކޮންޓްރޯލް ކުރަމުން ގެންދެވުނީ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ “އެމްޑީޕީން ހުށަހެޅީ ވާދަވެރިކަމުގެ މާރުކޭޓެއް އުފެއްދުމަށް. މަސް ގަތުމުގެ މަސައްކަތުގެ ތެރެއަށް ވާދަވެރިކަން އުފެއްދީމާ އެއްބަޔަކަށްވުރެ އަނެއް ބަޔަކު ގިނަ މަސްގަތުމުގެ ބޭނުމުގައި މަހުގެ އަގު އުފުލިގެން ދާތީވެ. އެނގިވަޑައިގަންނަވާނެ ބަޣާވާތާޖެހުނު އިރު ކަރުބިލަމަސް ކިލޯއެއް ރޯމަސް ކިލޯއެއް ހުރީ ވިހި ތިރީސް ރުފިޔާއަށް. މަސްގަންނަމުން ގެންދެވީ މިއަދު ބަޣާވަތް ކޮށްގެން އެތިއްބެވި ބޭފުޅުން. ރާއްޖޭގެ މަސްވެރިން ބާނާ މަހުގެ ރަނގަޅު ހަތްދިހަ ޕަސެންޓް މަސް ގަންނަމުން ގެންދިޔައީ މިއަދު ބަޣާވަތްކޮށްގެން އެތިއްބެވި ބޭފުޅުން. އެބޭފުޅުން މަސް ވިހި ރުފިޔާއަށް ކިލޯއެއްގެ މަގުން ގަތީމާ އެއީ މީގެ ކުރިން ފަސްރުފިޔާއަށް ކިލޯއެއްގެ މަގުން ގަތް އެއްޗެއް. ކޮންމެ މަސްކިލޯއަކަށް އެބަ 15 ރުފިޔާ ގެއްލުންވޭ. މަހުގެ އަގު ފަސްރުފިޔާއަށް ކިލޯއެއްގެ އަގު ތިރިކުރީމާ ބަޣާވާތުގެ އަގު ހިލޭ ޖެހުނީ. ދިއްދޫގެ މަސްވެރިން މިދިޔަ ދޮޅު ދެމަހެއްހާ ދުވަހުގެ ތެރޭގައި ފައްސަތޭކަ ޓަނު މަސް ބާނާފައިވާނެ. އެއިން ކޮންމެ ކިލޯއެއް ދިއްދޫ މަސްވެރިން އަތުން 15 ރުފިޔާ ގެއްލިއްޖެ. އެއިން ކޮންމެ ކިލޯއަކުން ގެއްލުނު 15 ރުފިޔާ ރާއްޖޭގެ މަހުޖަނެއްގެ ޖީބަށް ވަދެއްޖެ” ކަމަށެވެ.
ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާރު މިއޮތީ މަސް ގަންނަ މީހުންގެ ސަރުކާރެއް ކަމަށާއި އެމްޑީޕީން މި ހުށަހަޅާނީ މަސް ބާނާ މީހުންގެ ސަރުކާރެއް ކަމަށެވެ. އަޅުގަނޑުމެން ދިއްދޫ މަސްވެރިންނަށް މި ހުށަހަޅަނީ މުޅި ރާއްޖޭގެ މީހުން މި ހުށަހަޅަނީ މަސްވެރިކަމުގެ ސިޔާސަތު ތެރެއަށް ވާދަވެރިކަން އިރާދަކުރެއްވިއްޔާ ގެނެސްދޭނެ ކަމަށާއި ބައިނަލް އަޤްވާމީ ހަމަ އަގު އަޅުގަނޑުމެން ނަގާދޭނެ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ 20 ރުފިޔާއަށް ކިލޯއެއް ތިބޭފުޅުން ބާނާ މަހުގެ އަގު އަޅުގަނޑުމެން ނަގާދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“ކަންނެއްޔަށް ދިއްދޫ މީހުން ދާން ފެށިތާ މިހާރު ދުވަސްކޮޅެއް ވެއްޖެ. ކަޅުބިލަ މަހަށަ ނުގޮސް މަހަށްނުގޮސް ކަންނެލި އެހުރި ރަނގަޅު އަގުގައި ބެހެއްޓުމަށް މިރަށުގައި އުމްރާނީ ތަރައްޤީ ކޮންމެހެން އެބަ ބޭންނުވޭ. ޚާއްޞަ ގޮތެއްގައި އައިސް ލިބުމާއި އެނޫންވެސް މަސް ބަދުން ކުރެވޭނޭ މަސް ބޭރު ކުރެވޭނެ ގޮތްތައް ދިއްދޫގައި ނުވަތަ ތިލަދުންމަތީގައި އިންތިޒާމްތައް ހަމަޖެއްސުމަކީ ދިއްދޫ މަސްވެރިންނަށް ކޮންމެހެން ބޭނުންކަމެއް” މިހެން ވިދާޅުވަމުން ރައީސް ނަޝީދު ރޭގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރޭގައި ދިއްދޫގައި އައިސް ޕްލާންޓެއް ބެހެއްޓި އަދި ދިއްދޫ މަސްވެރިންނަށް ފަސޭހަ ކަމާއެކީގައި މަސް ބަންދު ކޮށް ބޭރުކުރެވޭނޭ އިންތިޒާމްތައް ހަމަޖައްސަވައިދެއްވާނެކަމަށެވެ.
މީގެ އިތުރުންވެސް ދިވެހިރާއްޖޭގެ އިޤްތިޞާދަށް އެންމެ ފައިދާހުރި ވިޔަފާރިއަކީ ޓުއަރިޒަމް ކަމުގައި ވިދާޅުވެ “އަޅުގަނޑުމެންގެ އަމާޒަކީ ޓްއަރިޒަމްގެ ވިޔަފާރި ފައިދާ އަޅުގަނޑުމެން ރަށްރަށަށް ގެނައުން” ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ގެސްޓުހައުސް ވިޔަފާރީގެ ބޭނުމަކ ރާއްޖޭގެ މީހުން ދިރި އުޅޭ ރަށްރަށުގައި ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށް އެރަށްރަށުގެ ރައްޔިތުންނަށް އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކޮށްދިނުން ކަމުގައިވެސް ވިދާޅުވިއެވެ.
މަސައްކަތްތެރިންނާ ނުލައި ރާއްޖެ ތަރައްޤީނުވާނެކަމަށާއި މަސައްކަތްތެރިންގެ ޙައްޤުތައްހިމާޔަތްކުރުމަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން މުހިއްމު ކަމެއްކަމުގައި ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. ވިޔަފާރިތައް ކުރިއެރުވުމުގައިވެސް މަސައްކަތްތެރިންގެ ދައުރު ބޮޑުކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “ވިޔަފާރިއަކީވެސް ހުރިހާ މުއްސަނދި ކަމަކީވެސް ވަޒީފާ އަދާކުރާ މީހާ، ރައްޔިތު މީހާ، މަސައްކަތު މީހާ، އޭނާ އުފައްދާ މުއްސަނދިކަމެއް. އަޅުގަނޑުމެންގެ އަމާޒަކީ އަޅުގަނޑުމެންގެ ބޭނުމަކީ ވަޒީފާ އަދާކުރާ ހަމައިސްކޮޅަށް ތެދުވެވޭ މީހަކަށް ހެދުން” ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ތަރައްޤީގެ ނާރެހަކީ އާއިލާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ “އަޅުގަނޑުމެން އުފައްދާން މި ޖެހެނީ ޒިންމާދާރު ގެއެއް. ލޯބިވާ ގެއެއް. މަންމައާއި ބައްޕައާއި އެކީގައި ދިރިއުޅެވޭނެ އާއިލާއެއް. ދަރިން ގޮވައިގެން އަނބިންނާއި އެކީގައި ރޭދުވާ ހޭދަކުރެވޭނެ މަގެއް. އަޅުގަނޑުމެންގެ ޒުވާން ޖީލު ފަޅުރަށްރަށުގައ ނޯކިރީން ގޮތުގައި ތިބެގެންނެއް އެ ގެއެއް އެ އާއިލާއެއް ނުއުފެއްދޭނެ.” ރޭގެ ޖަލްސާގައި އިތުރަށް ރައީސް ނަޝީދު ވިދާޅުވީ ތަރައްޤީ ހޯދެންއޮތީ އެ އާއިލާ މެދުވެރިކޮށްގެން ކަމުގައެވެ. އެހެންކަމުން ވަޒީފާ އަދާކުރާ ތަނާ ކައިރިން މަސައްކަތްތެރިންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތައް އެމްޑީޕީގެ ސިޔާސަތުތައް ބައްޓަން ކުރައްވާނެކަމުގައި ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައިވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ދިއްދޫގައި ރޭބޭއްވި ޖަލްސާގައި އެމްޑީޕީއަށާއި ރައީސް ނަޝީދަށް ތާޢީދުކުރައްވާ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިކަން ފާހަގަ ކުރެވެއެވެ.