އެމްޑީޕީގެ ސިޔާސަތުތަކާއެކު ބޮޑުތިލަދުންމަތީގެ އާމްދަނީއާއި ތަރައްގީގެ ދުވެލި ދެގުނަވާނެ ކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ރައްޔިތުންނަށް ހުށައަޅާ ސިޔާސަތުތައް ތަންފީޒުވުމުން ބޮޑުތިލަދުންމަތީގެ އާމްދަނީއައި ތަރައްޤީގެ ދުވެލި ދެގުނަވާނެ ކަމުގައި އެމްޑީޕީގެ ރިޔާސި ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ހުކުރުދުވަހުގެރޭ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީގައި ރޭބޭއްވި “އެއްބުރުން ބޮޑުތިލަދުންމަތި” ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެމްޑީޕީގެ ފަރާތުން ބޮޑުތިލަދުންމަތީގައި ހިންގުމަށް ހަމަޖެހިފައިވާ ސިޔާސަތުތަކާއި ތަރައްޤީގެ ތަޞަވުރު ހުށައަޅުއްވައިދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ބޮޑުތިލަދުންމަތީގައި ގެސްޓުހައުސްގެ ވިޔަފާރި ތަޢާރަފުކުރުމުން އެސަރަޙައްދުގެ ތަރައްޤީއަށް މަގުފަހިވެގެންދާނެ ކަމުގައެވެ. ގެސްޓުހައުސް ހިންގުމަށް 20 ރަށެއް ކަނޑައެޅި އެކަމާ ގުޅިގެން އެއިން ކޮންމެ ރަށެއްގެ ފެނާއި ނަރުދަމާގެނިޒާމު ޤާއިމުކޮށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ފެރީގެ ނިޒާމާއި ފެރީ ޓާރމިނަލް ހަދައިދޭން ޖެހޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މީގެ އިތުރުން ކުނިނައްތާލުމާއި އިތުބާރާއެކު ކަރަންޓު ފޯރުކޮށްދެވޭން ޖެހޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިކަންކަން ކުރުމަށް 3 އަހަރު ނަގާނެ ކަމާއި އެކަމަށް ބޭނުންވާނެ މީހުންވެސް ތަމްރީނު ކުރެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ކުޅުދުއްފުށީގައި ބައިނަލްއަޤުވާމީ ފެރީ ޓަރމިނަލެއް ޤާއިމު ކުރެވި ހަނިމާދޫ އެއަރޕޯޓަކީ ބައިނަލްއަގުވާމީ ވައިގެބަނދަރަކަށް ހައްދަވައިދެއްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން މިހާރު ހިއްކިފައިވާ ބިމުން ކުޅުދުއްފުށީގެ ރައްޔިތުންނަށާއި ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ބޯހިޔާވަހިކަމް ފޯރުކޮށްދެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ “ތިލަދުންމަތީގެ ތަޞައްވުރު. 40 އެތައްރަށެއް ގުޅާލެވި 50،000 އެތައް މީހުންނަކަށް ހުށައަޅާ މުޅިން އެހެން ތަޞައްވުރެއް. ވަޒީފާގެ ފުރުޞަތާއި، އާމްދަނީ އިތުރުވުމާއި، ބޯހިޔާވަހިކަމާއި، ބޭސްފަރުވާއާއި، އުމްރާނީ ތަރައްޤީއާއި، ތަޢުލީމާއި، ކުޑަކުދިންނގެ ޙައްޤުތަކާއި މަސައްކަތްތެރިންގެ ޙައްޤުތައް” އެކުލެވޭ ސިޔާސަތުތަކެއް ކަމުގައެވެ.

ދެކުނު އިންޑިޔާއަކީ މިއަދު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއްސަރަޙައްދު ކަމުގައި ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ދިވެހިންނަށް، ވަކިން ޚާއްޞަކޮށް ބޮޑުތިލަދުންމައްޗަށް، އެތަރައްޤީއާއި ގުޅެވެންއޮވެ، އެތަރައްޤީގައި ދިވެހިންނަށް ބައިވެރި ނުވެވި އެކަމުގެ ފައިދާއިނ ދިވެހިރާއްޖެ މަހުރޫމުކުރުމުން “އަޅުގަނޑުމެންނަކީ ޤައުމިއްޔަތެއް އޮތް ބައެކޭ ނުދެންނެވޭނެ” ކަމުގައެވެ. އިންޑިޔާއަށް ލިބެންމުން އަންނަ ތަރައްޤީގެ ސަބަބުން އިންޑިޔާއިން ފަތުރުވެރިން ދިވެހިރާއްޖެއަށް އަންނާނެ ކަމަށާއި ބޮޑުތިލަދުންމަތީގައި ތަރައްޤީކުރެވޭނެ ގެސްޓުހައުސްއާއި ދަތުރުފަތުރުގެ ނިޒާމުގެ ސަބަނުން އެސަރަހައްދުގެ ރައްޔިތުންނަށް ބޮޑު ތަރައްޤީއެއް ލިބޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ތަރައްޤީ ހޯދައިދިނުން ކަމަށާއި ކޮންމެ މީހަކީވެސް ހަސްކަމުން ނެއްޓި އުފާ ފާގަތިކަމުގައި އުޅޭ މީހަކުކަމުގައި ހެދޭތޯ މަސައްކަތް ކުރަމުން ގެންދިއުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި “ސިޔާސީ ޕާޓީތަކުގެ ވަޒީފާއަކީ ރައްޔިތުންގެ ތަރައްޤީއަށް ރައްޔިތުންގެ ފައިދާއަށް އެޕާޓީތަކުނގެ ފަރާތުން ކަނޑައަޅާނެ ސިޔާސަތުތައް ރައްޔިތުންނަށް ހުށައެޅުން. ރައްޔިތުން އޭގެ ތެރެއިން ބަލައިގަންނާނެ ސިޔާސަތުތަކަށް ވޯޓު ދެއްވައި ސަރުކާރެއް އުފެއްދުން” ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން ހުށައަޅާ ތަޞައްވުރު ރައްޔިތުން ބަލައިގެންފިކަމަށާއި އެމްޑީޕީއަކީ އެންމެ ބޮޑު ސިޔާސީ ޕާޓީކަމާއި މިބޮޑު ތާޢީދާއެކު ވަރަށް ބޮޑު ޒިންމާއެއް އުފުލަން ޖެހޭ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގެ އެކި ފިކުރުގެ ހުރިހާ ރައްޔިތުންނަށް އެމްޑީޕީގެ މިސިޔާސަތުގެ ފައިދާ އަދި މަންފާ ހޯދައިދޭންޖެހޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ސިޔާސަތުތަކުން ބޮޑުތިލަދުންމަތީގައި އުފެދޭނެ 10،000ށް ވުރެ ގިނަ ވަޒީފާގެ ފުރުޞަތުތަކަކީ ޕާޓީގެ މީހުންގެ އެއްޗެއްނޫން ކަމަށާއި އެއީ ރައްޔިތުންގެ އެއްޗެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. “އަޅުގަނޑުމެންގެ ޕާޓީން ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގެ ސިޔާސަތުތައް ކަނޑައަޅައި އެސިޔާސަތުތައް ތަންފީޒުކުރަނީ އަޅުގަނޑުމެންގެ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މިފުރުޞަތުތައް ހޯދައިދޭން” ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީއަކީ ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީކަމުން އެއީ އެންމެ ބޮޑު ޒިންމާ އުފުލާނެ ޕާޓީކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. “ބަޣާވާތަކުން (ވެރިކަން) ބަދަލުކުރިނަމަވެސް އެނބުރި ބަޣާވާތް ނުކުރީ. ވަޞީލަތަތައް ހުރި. ބާރުގެ ބޭނުންކޮށްގެން ވެރިކަން ފުރޮޅަލެވޭނެ. އެއީއެއްނޫން ދިވެހި ރައްޔިތުންގެ އުއްމީދަކީ. ރައްޔިތުންގެ އުއްމީދަކީ ރައްޔިތުންގެ ވެރިކަން މިރާއްޖޭގައި ޤާއިމުވުން” ކަމުގައި ބަޔާންކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ފުލުހުންނާއި ސިފައިން އުފައްދާ ވެރިކަމެއްގައި ހެދޭނީ ހަމައެކަނި ޕޮލިސް ސްޓޭޝަންތައްކަމާއި އަދި ރައްޔިތުން ބޭނުންވާ ތަރައްޤީގެ މަސައްކަތެއް ނުކުރެވޭނެ ކަމުގައެވެ.

What do you think?

Name (required) :

Email (required) :

Website :