ދަނޑުވެރިކަމުގެ މަސައްކަތް ވިޔަފާރި އުސޫލުން ތަރައްޤީކުރަން ޖެހޭ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ.

ދަނޑުވެރިކަމުގެ މަސައްކަތް ވިޔަފާރި އުސޫލުން ތަރައްޤީކުރަން ޖެހޭ ކަމަށާއި ދިވެހިރާއްޖެއަށް މިހާރު އެތެރެކުރާ ދަނޑުވެރިކަމުގެ ބާވަތްތަކުގެ ބޮޑު މިންވަރެއް ދިވެހިރާއްޖޭގައި އުފައްދައި، ދަނޑުވެރިކަމުގެ ދާއިރާ އެތައް ގުނައަކުން ތަރައްޤީ ކުރައްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. އަމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ‘އެގްރި ވިޔަފާރި’ ސިޔާސަތު އިފްތިތާޙްކޮށްދެއްވަމުން ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގައި ވާހަކަދައްކަވަމުންނެވެ.

ދިވެހިރާއްޖެއަކީ ގުދުރަތީ ވަޞީލަތްތައް ލިބިވާ ރާއްޖެއެއް ކަމަށާއި ރާއްޖޭގެ ރަށްތަކަކީ ދަނޑުވެރިކަން ކުރުމަށް ވަރަށް އެކަށީގެންވާ ރަށްތަކެއް ކަމުގައި ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ދިވެހިންނަކީ ބަނޑުފުރާ މުއްތިކުރުމަށް ތަރުކާރީ އަދި މޭވާ އިންދައިގެން ދިރިއުޅެމުން އައި ބައެއްކަމުގައެވެ. ޒަމާނުއްސުރެ ދިވެހިން ދަނޑުވެރިކަން ކުރަމުން އައި ގޮތްތައް ބަދަލުކޮށް މިދާއިރާ އެތައް ގުނައަކުން ތަރައްޤީކުރެވޭނެ ކަމުގައި ރައީސް ނަޝީދު ވިދޅުވިއެވެ. މިގޮތުން ދަނޑުވެރިންނަށް މިހާރު އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ހައްދާ ތަކެތި ވިއްކާނެ ގޮތާއި ވިއްކާނެ މާރުކޭޓެއް ނެތުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިހާރު ދަނޑުވެރިކަން ކުރާގޮތް ބަދަލުކޮށް ވިޔަފާރީގެ އުސޫލުން ހިންގައިގެން ދަނޑުވެރިކަމުގެ މަސައްކަތް ފުޅާ ކުރަން ޖެހޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތިން ދަނޑުވެރިކަން ވިޔަފާރީގެ އުސޫލުން ކުރުމަށް ދަނޑުވެރިން އުފައްދާ ތަކެތި އެއްރަށްރަށުން އަނެއްރަށަށް އުފުލޭނޭ ‘އެގްރި ބޯޓު’ގެ ނިޒާމެއް ޤާއިމްކުރެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ބިން ބޮޑު ދަނޑުވެރިކަން ކުރުމަށް އެކަށީގެންވާ ރަށްރަށުގައި ‘އެގްރި ދަނޑު’ ހެއްދުމަށް އެއް ހެކްޓަރުގެ ބިން ދޫކުރެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާގައި ބާނާ މަސް ގަންނާނެ ފަރާތެއް އުފެދިގެން އައުމުން އެދާއިރާ އެތައް ގުނައަކުން ކުރިއަރައި ދިޔަކަމަށާއި އަދި ހަމަ މިގޮތައް ދަނޑުވެރިކަމުން ހައްދާ ތަކެތި ގަތުމަށް ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ އުސޫލުން ކުންފުންޏެއް ހަދައި ދެފަރާތައް ފައިދާވާނެ އުސޫލެއްގެ މަތިން އެތަކެތި ގަނެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މިފަދަ ކުންފުންޏަކުން ގަންނަ ތަކެތި ގަނޑުކޮށް ގަނެވިއްކައި ޑިސްޓްރިބިއުޓް ކުރެވޭނެ ނިޒާމެއް ޤާއިމު ކުރެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވަގުތުން ވިއްކާ ނުލެވޭ ތަކެތި ގިނަ ދުވަހު ބޭނުންކުރުމަށް ޕްރިޒާރވްކޮށް އެތަކެތިން ޖޫސް ފަދަ އިތުރު ބާވަތްތައް ތަރައްޤީކުރެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް މިހާރުވެސް 245 މިލިއަން ރުފިޔާގެ ދަނޑުވެރިކަމުގެ ތަކެތި ރާއްޖެއިން ބޭރުން އެތެރެކުރާކަމަށާއި އެމްޑީޕީގެ ދަނޑުވެރިކަމުގެ ސިޔާސަތު ތަންފީޒުވުމުން 108 މިލިއަން ރުފިޔާގެ ތަކެތި ރާއްޖޭގައި ހެއްދޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ މައިގަނޑު އެއްސިޔާސަތަކީ ރާއްޖެއިން ބޭރުން އެތެރެކުރާ ތަކެއްޗަށް ބަރޯސާ މިންވަރު ދަށްކުރުން ކަމުގައިވާއިރު، އެމްޑީޕީގެ ‘އެގްރި ވިޔަފާރި’ ސިޔާސަތު ތަންފީޒުމުން އެތެރެ ކުރާ ދަނޑުގޮވާމުގެ މިންވަރުގެ % 44 ދަށްކުރެވޭނެ ކަމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ކުޅުދުއްފުށީގައި ދަނޑުވެރިކަމުގެ ސިޔާސަތު ‘އެގްރި ވިޔަފާރި’ އިފްތިތާޙްކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ބިނާކޮށް ތަމްރީނު ކުރުމަކީ ކޮންމެހެންވެސް ބޭނުންތެރިކަމެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާއިން 1000 މީހުން ތަމްރީނު ކޮށް ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީގެ ‘އެގްރި ވިޔަފާރި’ ސިޔާސަތުގެ ސަބަބުން 2546 ވަޒީފާގެ ފުރުޞަތުތައް އިތުރުކުރެވޭނެއެވެ.

What do you think?

Name (required) :

Email (required) :

Website :