ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިއަދު މިލަދުންމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ އެއަތޮޅުގެ ހެނބަދޫއަށެވެ. ރައީސް ނަޝީދު ހެނބަދޫއަށް ވަޑައިގެންނެވުމުން ހެނބަދޫގެ ރައްޔިތުން ވަނީ ރައީސް ނަޝީދުއަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި ރައީސް ނަޝީދު އެރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައްޔިތުންގެ ޙާލުއަހުވާލު އޮޅުންފިލުއްވިއެވެ. އަދި އެމްޑީޕީ ސަރުކާރުން ފެއްޓެވި އިޖްތިމާޢީ ރައްކާތެރި ކަމުގެ ޕްރޮގްރާމް ތަންފީޒުވެފައިވާ މިންވަރު ބައްލަވައި އެމްޑީޕީގެ ތަރައްޤީގެ ސިޔާސަތާއި ބެހޭގޮތުން މައުލޫމާތު ދެއްވިއެވެ. ވާހަކަފުޅު ދެއްކެވިއެވެ. އަދި އެމްޑީޕީން މިހާރު ރަށްޔިތުންނަށް ހުށަހަޅުއްވާފައިވާ ސިޔާސަތު ތަކާއިބެހޭ މަޢުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރެއްވިއެވެ.
ރައީސް ނަޝީދު ހެނބަދޫއަށް ކުރެއްވި ދަތުރުފުޅުގައި ހެނބަދޫގައި އެމްޑީޕީގެ ހަރުގެއެއް ހުޅުއްވައިދެވިއެވެ.
ރައީސް ނަޝީދު މިއަދު ދެން ވަޑައިގަތީ ނ. މާޅެންދޫއަށެވެ. މާޅެންދޫއަށް ރައީސް ނަޝީދު ވަޑައިގެންނެވުމުން މާޅެންދޫ ރައްޔިތުން ރައީސް ނަޝީދަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސް ނަޝީދު މާޅެންދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ އެރަށުގެ ރައްޔިތުންގެ ހާލުއަހުވާލު ބައްލަވާލެއްވިއެވެ.
ރައީސް ނަޝީދު މާޅެންދޫއަށް ކުރެއްވި ދަތުރުފުޅުގައި މާޅެންދޫގައި އެމްޑީޕީގެ ކެނދިކުޅުދޫ ދާއިރާގެ އޮފީހަކާއި ހަރުގެއެއް ހުޅުއްވައިދެއްވިއެވެ. މި ރަސްމިއްޔާތުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ތަރައްޤީ އަކީ ތަޅުލެވިގެން ހޯދޭ އެއްޗެއް ނޫންކަމަށާއި މިއަދު މަދަރުސާތައް ރަނގަޅުކޮށް ޒުވާނުންނަށް ކުޅިވަރުތައް ކުޅެވޭނެ ފުރުޞަތު ތަނަވަސްކޮށްދޭން ޖެހިފައިވާކަމަށެވެ. އަދި ޒުވާނުންނަށް ރައީސް ނަޝީދު އިލްތިމާސް ކުރެއްވީ ސިނކުޑި ނުލައްޕާ ކަންކަމާމެދު ވިސްނާ ފިކުރު ހިންގުމަށެވެ. މާޅެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ “އަޅުގަނޑު މިމަސައްކަތައް ނިކުތީ އަޅުގަނޑު އަނދަގޮނޑީގައި ބޭއްވިހާ ދުވަހު އަޅުގަނޑުގެ ދަރިފުޅު ބާއްވައިފިއްޔާ ވާނެ ދެރައަށްޓަކައި” ކަމުގައެވެ. އެމްޑީޕީން މިހާރު ރަށްޔިތުންނަށް ހުށަހަޅުއްވާފައިވާ ސިޔާސަތު ތަކާއިބެހޭ މަޢުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރެއްވިއެވެ.
ރައީސް ނަޝީދު މާޅެންދޫއަށްފަހު ދެން ވަޑައިގެންނެވީ ނ. ލަންދޫއަށެވެ. ލަންދޫއަށް ރައީސް ނަޝީދު ވަޑައިގެންނެވުމުން ލަންދޫ ރައްޔިތުން ރައީސް ނަޝީދަށް ވަނީ ހޫނު މަރުޚާބާ އެއް ދަންނަވާފައެވެ. އަދި އެމްޑީޕީގެ ތަރައްޤީގެ ސިޔާސަތާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާ އެމްޑީޕީން މިހާރު ރަށްޔިތުންނަށް ހުށަހަޅުއްވާފައިވާ ސިޔާސަތު ތަކާއިބެހޭ މަޢުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރެއްވިއެވެ.
ރައީސް ނަޝީދު ލަންދޫއަށް ކުރެއްވި ދަތުރުފުޅުގައި އެމްޑީޕީގެ ހަރުގެއެއް ހުޅުއްވާ ދެއްވިއެވެ. ހަރުގެ ހުޅުއްވާ ދެއްވުމަށްފަހު ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީން މި އުޅެނީ ދަނޑުވެރިކަން ތަރައްޤީކޮށް އެއިން ރައްޔިތުންނަށް ފައިދާ ހޯދައި ދިނުމަށް ކަމަށާއި ގެސްޓް ހައުސް ވިޔަފާރި ކުރިއަރުވާ ރައްޔިތު މީހާ ކުރިއަރުވަން ކަމެށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އާއި އެމްޑީޕީ މެންބަރުން ބަދުނާމް ކުރުމުގެ ގޮތުން ކިތަންމެ ތަފާތު ވާހަކައެއް ދެއްކިއަސް އެމްޑީޕީ އިސްކުރާނީ ބުއްދި ކަމަށާއި އެމްޑީޕީން ބޭނުންވަނީ ރައްޔިތުންނަށް ތަރައްޤީއާއި މަންފާ ލިބުމަށް ކަމަށެވެ. އަދި ރާއްޖެ ތަރައްޤީ ކުރަންވެސް ލޯނުވެސް ނެގޭނީ ވަކި މިންވަރަކަށް ކަމަށާއި އިންވެސްޓަރުންނަށް ރާއްޖެ ހުޅުވާލަން ޖެހޭކަމަށެވެ. “އެމްޑީޕީން ރައްޔިތުންނަށް މިހުށައަޅަނީ ތަރައްޤީގެ ތަޞައްވަރެއް. އުއްމީދުން ފުރިގެންވާ ފާގަތި ދުވަސްތަކެއް” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިއަދު ދެން ވަޑައިގެންނެވީ ނ. ކުޑަފަރީ އަށެވެ. ކުޑަފަރީއަށް ރައީސް ނަޝީދު ވަޑައިގެންނެވުމުން ކުޑަފަރީ ރައްޔިތުން ރައީސް ނަޝީދުއަށް ވަނީ ހޫނު މަރުޚާބާ އެއް ދަންނަވާފައެވެ.
ރައީސް ނަޝީދު ކުޑަފަރީއަށް ވަޑައިގެން “އެއްބުރުން” މިނަމުގައި މިރޭ ކުޑަފަރީގައި ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ނަޝީދު ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދު އާއި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠޯރިޤް އާއި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛް އިމްތިޔާޒް ފަހުމީ އާއި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދުދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު އާއި އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރ އަޙްމަދު ނަސީމް އާއި އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރ އަލްއުސްތާޛް ޙަސަން ލަޠީފް ބައިވެރިވެ ވަޑައިގެންނެވިއެވެ. ރައީސް ނަޝީދު އާއިއެކު މިދަތުރުފުޅުގައި އެމްޑީޕީ ޤައުމީ މަޖިލިސްގެ ބައެއް މެންބަރުން ބައިވެރިވެވެސް ވަޑައިގެންނެވިއެވެ.