ހައްދު ފަހަނައަޅާފައިވާ ވަޠަނީ ކިބުރުވެރިކަމަކީ ޤައުމިއްޔަތެއް ނޫން ކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ.

ހައްދު ފަހަނައަޅާފައިވާ ވަޠަނީ ކިބުރުވެރިކަމަކީ އެއީ ޤައުމިއްޔަތެއް ނޫން ކަމަށާއި ބޭރުގެ ޤައުމުތާކާމެދު ކިބުރުވެރި ވިސްނުން ގެންގުޅުމަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ހުރަސް އެޅޭނެ ކަމެއްކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީގައި ބުދަ ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ “އެއްބުރުން” ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

“ވަޠަނީ ކިބުރުވެރިކަން އަޅުގަނޑުމެންގެ ތެރޭގައި އާލާކޮށް އެއީ ޤައުމީ ރޫހު ކަމުގައި މިދަނީ ދައްކަމުން. ޤައުމިއްޔަތަކީ އެއީއެއްނޫން. ދިވެހި ޤައުމިއްޔަތަކީ މާތްވެގެންވާ އިސްލާމްދީނާއި، އިންސާނީ ޙައްޤުތަކާއި، އިޖްތިމާޢީ ރައްކާތެރިކަމާއި، އިޤްތިޞަދީ ފުއްދުންތެރިކަން ލިބިފައިވާ ދިވެހި މީހެއް” ރައީސް ނަޝީދު ވިދާޅުވިއެވެ. ބޭރު ޤައުމުތަކަށާއި މީހުންނަށް މަލާމާތްކޮށް ފުރައްސާރަކޮށް ދިވެހީންނަކީ ކިބުރުވެރިބައެއްކަމުގައިވެގެން އުޅެވެން ނެތް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ބަޣާވަތްކުރި ސިޔާސީ ވާދަވެރި ޕާޓީތަކުގެ ވަޠަނީ ކިބުރުވެރިކަމުގެ ވިސްނުމަކީ ދިވެހިންގެ އަތުގައި އެކަނި މިލްކުވެރިކަން ބޭއްވުން ކަމަށާއި އެއްވެސް ބަޔަކަށް އިންވެސްޓް ކުރުމުގެ ފުރުޞަތު ނުދިނުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް ދިވެހީންގެ އެކަނި މިލްކުވެރިކަމޭ ކިޔައިގެން ތިބެވޭކަށް ނެތް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “ދިވެހިން އަތުގައި އޮތް އެއްޗަކަށް އެކަނި އަޅުގަނޑުމެން ބަރޯސާ ކުރާން ވެއްޖެނަމަ އަޅުގަނޑުމެންގެ މިންވަރަކީ ހަމައެކަނި މިއަދު ދިވެހިންގެ ކިބައިގައި ހުރި މިންވަރު. ކުޑަފަރީއަށް އޮތް ހަމައެކަނި މިންވަރަކީ ކުޑަފަރީއަށް މިއަދު އޮތް މިންވަރު. އެއީ ދިވެހިންގެ އަތުގައި އޮތް މިންވަރު.”

ބަނދަރު ހަދަން ބޮޑު ހިލަން ގެންނަން ޖެހެނީ އިންޑިއާއިން ކާނޭ ހަނޑޫކޮޅު ގެންނަން ޖެހެނީ ބަރުމާއިން ކަމަށް ވާއިރު އަވައްޓެރި ޤައުމުތަކާއި އަރައިރުންވެގެން ވަޠަނީ ކިބުރުވެރިކަން އިސްކޮށް އަޅުގަނޑުމެންނަށް އުޅެވެން ނެތް ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިވެހިންގެ އަތުގައި އެކަނި މިލްކުވެރިކަން އޮވެ ބޭރުގެ އިންވެސްޓްމަންޓު ނުގެނެވޭނަމަ ދިވެހިރާއްޖޭގެ ތަރައްޤީގެ ދުވެލި ހުންނާނީ އަހަރަކު ބަނދަރެއްގެ ދުވެލީގައި، ބައި އިންޗީގެ ފިޔަވަޅުގައި ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ތަރައްޤީގެ ދުވެލި ބާރުކުރާން ވެއްޖެނަމަ ބޭރުގެ އިންވެސްޓުމަންޓުތައް ގެންނާން ޖެހޭ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި އަޅުގަނޑުމެންނަށް ލިބިފައިވާ ޤުދުރަތީ ވަޞީލަތްތަކަކީ ރަން ގަނޑެއް ކަމަށާއި އެބޭނުން ނުކޮށް ބާއްވަންޏާ އެއީ ހިލަގަނޑެއް ކަމަށާއި އެއިން އެއްވެސް މަންފާއެއް ނެތް ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ރަށްތައް ތަރައްޤީކުރުމަށްޓަކައި ބޭރުގެ ފައިސާއާއި، ވިސްނުމާއި ބޭރުގެ ތަރައްޤީގެ ޚިޔާލު އަންނާން ޖެހޭ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަޅުގަނޑުމެންނާ އެންމެ ކައިރީގައިވާ އިންޑިޔާއަކީ މުޅި ދުނިޔޭގައި އެންމެ ހަލުވި ކަމާއެކު ތަރައްޤީވަމުން އަންނަ އެއް ޤައުމު ކަމަށާއި އަޅުގަނޑުމެންނަށް އިނޑީޔާގެ ތަރައްޤީއާ ގުޅެވެން އެބައޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެތަރައްޤީ އާ ގުޅުމަކީ ރައްޔިތުންގެ ޙައްޤެއްކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެޙައްޤު ލިބިގަތުމަށް ރަށުގެ ގޮނޑުދޮށްތަކުން، އަތޮޅު ދުނިން ރާއްޖޭގެ އަސްދަނޑިން ބޭރަށް ވިސްނުން އެބަ ގެންދާން ޖެހޭ ކަމަށް ވިދާޅުވިއެވެ. “ލާމެހިފައިވާ ދުނިޔެއެއްގައި އަޅުގަނޑުމެން ފައިހަމަ ކުރާން ޖެހޭ” ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ އެއަރޕޯޓް ޖީއެމްއާރަށް ތަރައްޤީ ކުރަން ދިނީމައާއި ބޭރުގެ އިންވެސްޓްމަންޓާއި ދިވެހިރާއްޖެއާއި ބޭރުގެ ގުޅުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށާއި އިސްތިޤްލާލަށް ލިބިނު ގެއްލުން އެއްވެސް ބަޔަކަށް ބުނެދޭކަށް ނޭނގުނު ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަށާއި ދާޚިލީ އެއްވެސް ކަމަކަށް ބޭރު ކުންފުންޏަކުން މިރާއްޖޭގައި އިންވެސްޓު ކުރުމުން ގެއްލުން ލިބޭނެ ކަމަށް ވިސްނައިގެން ނުވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ޤާނޫނުތައްވެސް އަދި އދ.ގެ މުޢާހަދާތައްވެސް ދިވެހިންގެ މިނިވަންކަން ރައްކާތެރިކުރުމަށް އެހީތެރިވެދޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ބަގާވާތުގެ ސަރުކާރުން ރައްޔިތުންގެ ތަރައްޤީއަށް ހުރަސްއަޅަމުން ގެންދާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީގެ ވެރިކަމުގައި އުމްރާނީ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރެވިފައިވާކަމަށް ފާގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ގިނަ މަސައްކަތްތައް މިހާރު ހުއްޓިފައިވާކަމަށެވެ. “އަޅުގަނޑު މިއައީ މިތާ މަދަރުސާއަށް ގޮސްފައި. މިތާ މަދަރުސާގައި ފަށައިގަނެވުނު މަލްޓި-ގްރޭޑް، ސްމާޓް ސްކޫލް މިހާރު ހުރީ ހުއްޓިފަ. މިތާ ބަނދަރު އޮތީ ހުއްޓިފަ. މިތަނުގައި ހިންގާން ފެށުނު މަޝްރޫޢެއްވިއްޔާ މިހާރު އޮތީ ހުއްޓިފަ. އަދި ރާއްޖޭގެ އެހެން ރަށްރަށުގައިވެސް އެމަސައްކަތްތައް ހުރީ ހުއްޓިފަ” ރައީސް ނަޝީދު ވިދާޅުވިއެވެ. ލާމަރުކަޒީ އުސޫލުން ހިންގަމުން ދިޔަ ތަރައްޤީއާއި ގުޅިފައިވާ އެތައްމަސައްކަތެއް ހުއްޓިފައިވާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރުގައި އެންމެ އިސްކަމެއް ދީގެން ތަރައްޤީއަށްޓަކައި ކުރާނެ އެންމެ މުހިއްމު ކަމަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުން ކަމުގައި ކުޑަފަރީގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ. ލާމަރުކަޒީ އުސޫލާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެތައް ހާސް އަހަރެން ވަންދެން އެއްތާކަށް އެއްކޮށްފައި އޮތް ވެރިކަމުގެ ބާރުތަކެއް ބަހާލުން ކަމަށެވެ. ލާމަރުކަޒީ ނިޒާމުގެ ބޭނުމަކީ ރަށްރަށުގެ ރައްޔިތުންގެ ތަރައްޤީއަށް ގެނެވުމު ނިޒާމެއް ކަމުގައެވެ. “ކަތީބުންގެ ކިބައިން ސަލާމަތް ވެވޭނެ ގޮތެއް ރާއްޖޭގެ ރައްޔިތުން ހޯދަމުން ދިޔަ” ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ކަތީބުންނަކީ އިންތިޚާބު ކުރަން ޖެހޭ ބައެއް ކަމުގައި ވެގެން އައީ ލާމަރުކަޒީ ނިޒާމުގެ ތަޢާރަފު ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ބަގާވާތުގެ ސަރުކާރުން ކައުންސިލުތަކުގެ މަސައްކަތް ހިފަހައްޓައި ހުރަސް އަޅަމުން ގެންދާކަމުގައި ފާހަގަކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ “ބަޖެޓެއްވެސް ނެތް. ކުރެވޭނެ ކަމެއްވެސް ނެތް. އޮތް ހުއްދައެވެސް ނެތް” އަދި ލާމަރުކަޒީ ނިޒާމު ފުރިހަމަ ގޮތުގައި ހިންގާން ޖާގަ ނުލިބޭކަމުގައެވެ.

ދިވެހިރާއްޖޭގެ ތަރައްޤީއަށް ފައިސާ ހޯދޭނީ ދަރަންޏަށް ފައިސާ ނަގައިގެންކަމަށާއި ލޯނު ފައިސާ ނެގެނީވެސް ޤައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. 2008 ވަނަ އަހަރާ ހަމައަށްވެސް 20 މިލިއަން ޑޮލަރަށްވުރެ އިތުރަށް ތަރައްޤީއަށް ލޯނު ނެގިފައި ނެތް ކަމަށާއި އެއީ އޭރުގެ އުފެއްދުންތެރިކަމުގެ މިންވަރު ތަރައްޤީގެ މަސައްކަތް ކުރުމަށް ލޯނު ނެގުމަށް ޖާގަ ނުދޭތީ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް އެމްޑީޕީ ސަރުކާރުގެ މާލީ އަދި އިޤްތިޞާދީ އިސްލާޙްތަކުގެ ސަބަބުން ސަރުކާރުގެ އާމްދަނީ 6 ބިލިއަނުން 12 ބިލިއަން ރުފިޔއާށް އިތުރުވެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް ތަޢާރަފް ކުރިކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ސަރުކާރުގެ އާމްދަނީ އިތުރުވުމުން ބޭސް ފަރުވާ ކުރާނެ ނިޒާމެއް ތަޢަރަފްކުރި ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައ ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތަށް ހުށަހަޅަނީ އެމްޑީޕީގެ މެންބަރުންނަށް އެކަނި ނޫންކަމަށާއި އެމްޑީޕީގެ ސިޔާސަތަކީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުށަހަޅާ ސިޔާސަތުތަކެއްކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމެއްގައި ވަޒީފާގެ ފުރުޞަތު ފަހިވެގެންދާނީ ވަކި ކުލައެއްގެ ބަޔަކަށް އެކަންޏެއް ނޫން ކަމަށާއި މުޅި ރާއްޖޭގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތު ފަހިވެގެން ދާނެ ކަމަށެވެ. އަދި އެމްޑީޕީ ވެރިކަމަށް އަންނާނީ ތަފާތު ކުރުމެއް ނެތި މުޅި ރައްޔިތުންނަށް ޚިދުމަތް ކުރަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުޑަފަރީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް މިއޮތް ހަތަރު މަސްތެރޭ ރާއްޖޭގެ ރައްޔިތުން ނިންމާނީ އަންނަ ފަސްއަހަރު އެކަންޏެއް ނޫން ކަމަށާއި މުޅި ރާއްޖޭގެ މުސްތަޤްބަލާއި ރާއްޖޭގެ މިސްރާބު ނިންމާނެ ކަމަށް ވިދާޅުވިއެވެ. ދިވެހިން ގިނަ ޕާޓީ އެކުލެވޭ، ބާރުތައް ވަކިކުރެވިފައިވާ ސިޔާސީ ނިޒާމު ދިވެހި ރައްޔިތުން ބަލައިގެންފި ކަމަށާއި އަދި އެނިޒާމުގެ އެންމެ ބޮޑު ބޭނުމަކީ އެ ޤައުމެއްގެ ރައްޔިތުންނަށް ތަރައްޤީ ހޯދައިދިނުންކަމުގައެވެ. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގައި ދިވެހިރާއްޖެ މިހާރު މިދަނީ ދެވަނަ އިންތިޚާބަކަށް ތައްޔާރުވަމުން ކަމަށާއި ފުރަތަމަ ރިޔާސީ ދައުރު ބަދަލުކޮށްލީ ބަޣާވާތަކުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް އެ ބަޣާވާތް ފުރިހަމަ ނުކުރެވުނީ ރައްޔިތުންގެ އިހުތިޖާޖުތަކުގެ ސަބަބުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “ކުޑަފަރީ އޮތީ އިހުތިޖާޖުގައި ނިކުމެ، މިއަތޮޅު އޮތީ އިހުތިޖާޖުގައި ނިކުމެ، މުޅި ރާއްޖެ އޮތީ އިހުތިޖާޖުގައި ނިކުމެ. ވެރިކަން ބަދަލުވި ގޮތާ އަޅުގަނޑުމެން އެކަކުވެސް ހިތްހަމައެއް ނުޖެހުނު” ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީގެ ވެރިކަން ބަޣާވާތަކުން ވައްޓާލިނަމަވެސް އެމްޑީޕީން ތިބީ “ބާޣީންވެސް ވެރިކަމުން ވައްޓާލާކަށް ނޫން” ކަމުގައި ވިދާޅުވެ އެމަނިކުފާނު ވިދާޅުވީ “އެޅުގަނޑުމެން އެއްވެސް އިރެއްގައި ނުދެކެން ދެ ގޯސް އެއްވީމާ ރަނގަޅެއް ނިކުންނަ ކަމެއް” އަދި އެމްޑީޕީން ބެނުންވަނީ ރައްޔިތުންގެ ލޮތްބާއި ރައްޔިތުންގެ ރުހުމުން ވެރިކަން އުފެދުން ކަމުގައެވެ. އަދި ސިޔާސީ ޕާޓީ ތަކުގެ ވާޖިބަކީ ރައްޔިތުންގެ ބޭނުންތަކަކީ ބޮބައިތޯ އޮޅުން ފިލުވައި ކޮށްދޭނެ ކަންކަން ހުށަހަޅާ ދިނުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ މިހާރު ރައްޔިތުންނަށް ހުށަހަޅުއްވަމުން ގެންދަވާ ސިޔާސަތު ތަކާއިބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި އެމްޑީޕީން ކުޑަފަރީގައި ގެސްޓް ހައުސް އެޅުމުގެ މަސައްކަތް ބާރައް ހިންގާނެ ކަމަށާއި އެ މަސައްކަތަކީވެސް ވަޒީފާގެ ފުރުޞަތު ތަނަވަސް ވާނެ ކަމެއް ކަމަށާއި ކުޑަފަރީގެ ހުރިހާ ކުދިންނަށް ވަޒީފާ ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ހުށަހަޅަނީ ކުޑަފަރީ ފަޅުގައި ގޮވާން ކުރެވޭނެ ސިޔާސަތެއް ކަމަށެވެ. އަދި މަސައްކަތް ކުރާ މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތް ކުރާނެ ސިޔާސަތުތައްވެސް އެމްޑީޕީން ހުށަހަޅާ ކަމަށް ވިދާޅުވިއެވެ.

ކުޑަފަރީގައި ބޭއްވި ޖަލްސާގައިވެސް ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި މިއަހަރު އިންތިޚާބް ބާއްވާނެ ކަމަށާއި އިންތިޚާބްގައި ރައީސް ނަޝީދުގެ ނަން އޮންނާނެ ކަމަށާއި އަދި އެއްބުރުން އިންތިޙާބް ފަސޭހަ ކަމާއެކު ކާމިޔާބު ކުރައްވާނޭ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދުވަނީ އެމަނިކުފާނަށާއި އެމަނިކުފާނުގެ ޓީމަށް ރަށްރަށުގެ ރައްޔިތުން ދަންނަވަމުން ގެންދަވާ މަރުޙަބާއަށާއި ދެއްވާ މެހްމާންދާރީއަށް ހިތުންގެ ފުންމިނުން ޝުކުރު އަދާ ކުރައްވާފައެވެ.

What do you think?

Name (required) :

Email (required) :

Website :