މިލަދުންމަޑުލު ދެކުނުބުރީގެ އިތުރު ރަށްތަކަކަށް ރައީސް މުޙައްމަދު ނަޝީދު ވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިއަދު މިލަދުންމަޑުލު ދެކުނުބުރީގެ އިތުރު ރަށްތަކަކށް ވަޑައިގަންނަވާފައެވެ. ރައީސް ނަޝީދު މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ނ.މާފަރަށެވެ. މާފަރަށް ރައީސް ނަޝީދު ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ރައީސް ނަޝީދަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. އަދި އެރަށުގެ އެމްޑީޕީ ހަރުގޭގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރި އެއްކަމަކީ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމެ ހިންގުން ކަމުގައެވެ. އަދި މާފަރުގައި އެއަރޕޯޓެއް އެޅުމަކީ އެމްޑީޕީގެ އެއް އަމާޒުކަމާއި މާފަރު ތަރައްޤީއަށް އެކަމުގެ ސަބަބުން މަގުފަހިވެގެންދާނެކަމުގައެވެ. އަދި ތަރައްޤީގެ މަސައްކަތް ކުރެވޭނީ ބޭރުގެ ފަރާތްތަކާއި ގުޅިގެން އިންވެސްޓްކޮށްގެން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީ ހަރުގެ ހަދާ ސަރައްޙައްދުވެސް ރައީސް ނަޝީދު ބައްލަވާލެއްވިއެވެ.

ރައީސް ނަޝީދު ދެން ވަޑައިގެންނެވީ ނ.ޅޮއްސަށެވެ. ޅޮހީންވެސް ރައީސް ނަޝީދަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. ރައީސް ނަޝީދު މިއަދު ޅޮހީގެ އެމްޑީޕީ ހަރުގެ ހުޅުވައިދެއްވިއެވެ. އަދި ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ ދިވެހިރާއްޖޭގެ ގުދުރަތީ ވަޞީލަތްތައް ބޭނުންކޮށްގެން ބޭރުގެ އިންވެސްޓްމެންޓް ރާއްޖެއަށް ގެނެވެން ޖެހޭނެ ކަމުގައެވެ. އަދި ބޭރު ދުނިޔެއާއި ދިވެހިރާއްޖޭގެ ގުޅުން ކޮންމެހެންވެސް ވަރުގަދަކުރަން ޖެހިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ދިވެހިރާއްޖެއާއި އިންޑީޔާ ސަރުކާރާ މިހާރުގެ ގުޅުމަށް ވަރަށްބޮޑަށް ފާޑު ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ “އިންޑިޔާ ސަރުކާރަށް ރަތްމަހަށް ނުގޮވާހާ އެއްޗިހި ގޮވައިފި” ކަމަށާއި ބޭރުގެ ޤައުމުތަކާ ގުޅުން ބަދަހި ކުރާނީ ސިޔާސީ ޕޯޑިއަމްތަކުން ނޫން ކަމަށާއި އެއީ ސިޔާސީ ވެރިންގެ މެދުގައި މަޝްވަރާކުރެވިގެން ކުރަން ޖެހޭނެ ކަމެއްކަމުގައެވެ. ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ޅޮހީގެ ގިނަ ޒުވާނުންނާއި އެކި އުމުރުފުރާގެ މީހުން ވަނީ ރައީސް ނަޝީދުގެ ހާޒިރުގައި އެމްޑީޕީއަށް ސޮއި ކުރައްވާފައެވެ.

ޅޮހިން ރައީސް ނަޝީދު ދެން ވަޑައިގެންނެވީ ނ.މިލަދޫއަށެވެ. މިލަދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުން ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ވަޑައިގަތެވެ. އަދި މިލަދޫ އެމްޑީޕީ ހަރުގޭގައި ރައްޔިތުންނާ މުޚާތަބު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ހަތަރު މަސް ދުވަހަކީ މިލަދޫގެ ކުރިއެރުމަށް އެންމެ މުހިއްމު ދުވަސްކޮޅު ކަމުގައެވެ. ” އަބްދުﷲ ޔާމީނަކަސް، ގާސިމަކަސް، ބާޣީ ވަހީދަކަސް، އަޅުގަނޑުމެން ކިހިލި ޖަހާލައިގެން އެއްބުރުން މިއިންތިޚާބު ކާމިޔާބު ކުރާނަން. އަޅުގަނޑު ބުނަން އޮތީ ފުރާޅުތައް ސާފު ކުރައްވާށޭ. ތެލިތައް ސާފުކޮށް ކައްކަން ތައްޔާރުވޭ. އެއްބުރުން މިކަން ނިންމާނީ” ރައީސް ނަޝީދު ވިދާޅުވިއެވެ. މިލަދޫއިންވެސް ރައީސް ނަޝީދުގެ ހާޒިރުގައި އެރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން އެމްޑީޕީއާއި ގުޅިވަޑައިގަތެވެ.

މިލަދޫއަށްފަހު ރައީސް ނަޝީދު ދެން ވަޑައިގެންނެވީ ނ. މަނަދޫއަށެވެ. މަނަދޫއިން ރައީސް ނަޝީދަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. އަދި މަނަދޫގެ އެމްޑީޕީ ހަރުގެ ރައީސް ނަޝީދު ހުޅުވައިދެއްވައި އްމޑީޕީގެ ދިދަ ނަންގަވައިދެއްވިއެވެ. މަނަދޫގައި އެމްޑީޕީގެ “އެއްބުރުން” ޖަލްސާގައި ރައީސް ނަޝީދު މިރޭ ވާހަކަފުޅު ދައްކަވާނެއެވެ.

What do you think?

Name (required) :

Email (required) :

Website :