ވާދަވެރި ސިޔާސީ ޕާޓީތަކުގެ ވިސްނުމަކީ ދިވެހިންގެ މިލްކުވެރިކަމުގައި ނޫނީ ކަންތައް ކޮށްގެން ނުވާނެ ކަމަށާއި އެމްޑީޕީގެ އަމާޒަކީ ކުރެވޭ މަސައްކަތުން ރައްޔިތުންނަށް ލިބޭ ފައިދާކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއާއި ވާދަވެރި ސިޔާސީ ފަރާތްތަކުގެ ވިސްނުމުގައި ހުރީ ދިވެހިންގެ މިލްކުވެރިކަމުގައި ނޫނިއްޔާ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމުގެ ވިސްނުން ކަމަށާއި އެހެން ނަމަވެސް އެމްޑީޕީގެ ވިސްނުމަކީ އެއީ ނޫން ކަމަށާއި އެމްޑީޕީގެ ވިސްނުމަކީ ކުރެވޭ މަސައްކަތަކުން ރައްޔިތުންނަށް ލިބޭ ފައިދާ ކަމަށާއި އަދި ރާއްޖޭގެ އެއްވެސް ބިމެއް މިލްކެއް އެ އޮތްތަނުން އެހެން ތަނަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެހެންކަމުން މިލްކުވެރިކަމަށް ދައުވާ ނުކޮށް އެމްޑީޕީން ބަލަނީ ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ކުރިއެރުންއައިސް ރާއްޖޭގެ ރައްޔިތުންނަށް އަންނާނެ ކުރިއެރުމާއި މަންފާ ލިބޭނެ ގޮތެއްގެ މައްޗަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ހއ. ކެލާގައި އެމްޑީޕީ “އެއްބުރުން” މިނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކެލާގައި ހޮނިހިރުދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ބޭނުމަކީ އެ ޕާޓީތަކުގެ ސިޔާސަތުތައް ހުށަހެޅުމާއި ރައްޔިތުން އެސިޔާސަތުތަކާއި ރުހޭނަމަ ރައްޔިތުންގެ އަޣްލަބިއްޔަތާއެކުގައި ސަރުކާރެއް އުފެންދުން ކަމަށާއި އެމްޑީޕީ ސަރުކާރެއް އުފެއްދުމަށް އަންނަ މީ ދެވަނަ ފަހަރު ކަމަށެވެ. 2008 ވަނަ އަހަރު އެމްޑީޕީން ސަރުކާރެއް އުފެއްދުމަށް ނުކުތީ ރައްޔިތުންނަށް ވަޢުދުތަކެއްވެ، އެވަޢުދުތައް ފުއްދުމަށް ކަމަށް ވިދާޅުވިއެވެ. އަދި ބަޣާވާތަކުން އެމްޑީޕީގެ ސަރުކާރު ވައްޓާލެވުނު އިރު، އެއިރު ވެވުނު ވަޢުދުތައް ފުއްދުމަށް ލިބުނު ވަގުތައް ކުޑަކަމަށާއި އެ ދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވަޢުދު ފުއްދުނު މިންވަރު ރައްޔިތުން ބަލައިގެންފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެކަނިވެރި މައިންނަށް، ޔަތީމް ކުދިންނަށް، ދޮށީ އުމުރުގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށާއި ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާއީ ރައްކާތެރިކަމުގެ ގިއުގަނޑެއް، އޮނިގަނޑެއް އިރާދަކުރައްވައިގެން އެކުލަވައި ލެވިއްޖެ ކަމަށާއި، އަދި ރާއްޖޭގައި ޕެންޝަންގެ ނިޒާމެއް ޤާއިމް ކުރެވި ވަޒީފާގެ ޙައްޤުތައް ރައްކާތެރި ކުރުމަށްޓަކައި ލޭބަރ ޓްރައިބިއުނަލެއް އަލަށް އެކަށައެޅި އެތާނގެ މަސައްކަތް ކުރާން ފެށިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށްޓަކައި ޓެކްސްގެ ނިޒާމެއް މިރާއްޖޭގައި އެކަށައެޅި އެނިޒާމް ތަންފީޒު ކުރަން ފެށިއްޖެ ކަމަށާއި ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމުގެ ވިސްނުން އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެވިފައިވާ ކަމަށެވެ.

މިފަހަރުގެ އިންތިހާބް ބޮޑު އަޣްލަބިއްޔަތަކުން ކާބިޔާބު ކުރައްވާނެ ކަމަށާއި އަދި އެކާމިޔާބީ އާއިއެކު އެޅޭ ބޮޑުޒިންމާ އުފުލައި އެމްޑީޕީގެ ސަރުކާރެއް ހިންގާނީ ރާއްޖޭގެ މުޅި ރައްޔިތުންނަށް ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ކޮންމެ ޕާޓީއެއްގެ މެންބަރެއް ކަމުގައިވިއަސް އަދި ޕާޓީއެއްގައި ނޫޅުނަސް ސިޔާސަތުތައް ތަންފީޒު ކޮށްދެއްވާނީ ހަމަހަމަ ކަމާއެކުގައި ކަމަށް ވިދާޅުވިއެވެ.

ކެލާގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދު އެމްޑީޕީން ހުށަހެޅި ސިޔާސަތަކީ އެގްރިވިޔަފާރީގެ ނުވަތަ ދަނޑުވެރިކަމުގެ ސިޔާސަތު ކަމަށެވެ. އެމްޑީޕީގެ މި ސިޔާސަތުގެ މައިގަނޑު އަމާޒަކީ ދަނޑުވެރިކަން އެއީ ދެކޮޅުޖެހޭ ފައިދާވާ ވިޔަފާރިއެއްގެ ގޮތުގައި އިރާދަކުރެއްވިޔާ ހަދައިދިނުން ކަމަށާއި އަދި ރާއްޖޭގެ ހުރިހާ ދަނޑުވެރިން އުފައްދާ ތަކެތި ސަރުކާރަށް ގަނެވޭނެ އިންތިޒާމު ހަމަޖެއްސުން އެއީ އެމްޑީޕީގެ ސަރުކާރުގެ ސިޔާސަތެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދަނޑުވެރިކަމަށް ބޭނުންވާ ތަޖުރިބާއާއި ހުނަރު އަޅުގަނޑުމެންގެ ތެރޭގައި އެބަ އާލާވާން ޖެހޭ ކަމަށާއި އަދި އެމްޑީޕީގެ ހުށަހެޅުމަކީ ރާއްޖޭގެ ބިން ބޮޑަތި ކެލާފަދަ ރަށްރަށުގައި އެގްރިދަނޑު އުފެއްދުން ކަމަށެވެ. އަދި އެއް ހެކްޓަރަށްވުރެ ކުޑަނުވާ އެތައް ދަނޑެއް އެއް ސަރަޙައްދެއްގައި އުފައްދާ އެ ދަނޑުތަކަށް ބޭނުންވާ އެންމެހާ ވަޞީލަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އޭގެ ތެރޭގައި ފެނާއި ކަރަންޓާއި އަދި ދަނޑުވެރިކަން ކުރުމަށް ބޭނުންވާނެ ސާމާނު ލިބޭނެ އިންތިޒާމެއްގެ ތެރެއިން ދަނޑުތައް ޤާއިމް ކުރުން ކަމަށް ރައީސް ނަޝީދުގެ ވާހަކަފޅުގައި ފާހަގަ ކުރެއވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދެކުނު އިންޑިއާ އަކީ މިހާރު ބާރަށް ތަރައްޤީ ވަމުން އަންނަ ސަރަޙައްދެއް ކަމަށާއި އަދި މި ތަރައްޤީއާއި ރާއްޖޭގެ އުތުރު ގުޅާލުމަށާއި ދެކުނު އިންޑިއާއި ޓްއަރިސްޓްން ގެނައުމަށް ހަނިމާދޫ ވައިގެން ބަނދަރު ބައިނަލް އަޤްވާމީ ފެންވަރަށް ތަރައްޤީ ކުރުމާއި ކުޅުދުއްފުށީގައި ބައިނަލް އަޤްވާމީ ފެރީޓާމިނަލެއް އެޅުމަކީ އެމްޑީޕީ ސަރުކާރުގެ އަމާޒެއް ކަމުގައެވެ.

ރައީސް ނަޝީދު ކެލާ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީގެ ސިޔާސަތު ތަކުގެ ތެރޭގައި މިހާރު އިއުލާންކޮށްފައިވާ ކަނޑުގޮވާން ކުރުމުގެ ސިޔާސަތާއި ގެސްޓް ހައުސް ވިޔަފާރީގެ ސިޔާސަތުގެ މައްޗަށް ވާހަކަފުޅު ދައްކަވާ ތަފްޞީލް މައުލޫމާ ދެއްވިއެވެ. އަދި މަސައްކަތްތެރިންެގެ އެމްޑީޕީގެ ސިޔާސަތުގެ މައްޗަށްވެސް ވާހަކަފުޅު ދެއްކެވިއެވެ.

ކުރިއަށް އޮތް އިންތިހާބް އިތުރު ބުރަކަށް ދާނެ ކަމަށް ޝައްކު ނުކުރައްވާ ކަމަށާއި އެމްޑީޕީ މިފަހަރުގެ އިންތިޙާބް އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވަމުން ގެންދަވާ ގެންދެވުން ކެލާގައިވެސް ރައީސް ނަޝީދު ތަކުރާރު ކުރެއްވިއެވެ. އަދި ރައީސް ނަޝީދު އަށާއި އެމަނިކުފާނުގެ ޓީމަށް ރައްޔިތުން ކިއުއްވާ މަރުޙަބާއަށާއި ދެއްވާ ފުރިހަމަ މެޙްމާން ދާރީއަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރެއްވިއެވެ.




What do you think?

Name (required) :

Email (required) :

Website :